Press Statement

މީޑިއާތަކަށް ހުރި ހުރަސްތައް ނައްތާލުމަށް މިހާރަށް ވުރެ އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ: އައިއެފްޖޭ

25 Aug, 2022

ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިއެރުން ލިބުނަސް އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ރާއްޖޭގެ މިހާރުގެ ސަރުކާރުން ވައުދުތައް ވެފައިވީ ނަމަވެސް، ނޫސްވެރިންނަށް އަދިވެސް ރާއްޖޭގައި ހުރަސްތަކެއް އެބަހުއްޓެވެ. ރާއްޖޭގެ ހާލަތު ދެނެގަތުމަށް ރާއްޖެއަށް ކުރި ދަތުރެއްގައި، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވަނީ ނޫސްވެރިންނާއި މީޑިއާތަކުގެ ވެރިންނާއި ކަމާ ގުޅޭ ޖަމިއްޔާ ޖަމާއަތްތަކާ ބައްދަލުކޮށް، ރާއްޖޭގައި މީޑިއާ އާއި އެހެނިހެން ދާއިރާތަކުގެ މަސައްކަތްތެރިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.

ެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މިޝަންގައި އައިއެފްޖޭ އިން ވަނީ ނޫސްވެރިންނާއި އެޑިޓަރުންނާއި ދިވެހި ފުލުހުންގެ ހިދުމަތް އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިތުރުން މި ދާއިރާގެ އިސް ފަރާތްތަކާއި ގާނޫނީ މާހިރުންނާ ބައްދަލުކޮށްފަ އެވެ. މި މަޝްވަރާތަކުގައި ފާހަގަކުރެވުނު ގޮތުގައި، ހެއްކާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކަކީ މި ދާއިރާގެ ފަރާތްތަކުގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލަ އެވެ. ނަމަވެސް ރާއްޖޭގައި ފުރިހަމަ އަދި ދިރުންހުރި މިނިވަން މީޑިއާއެއް ކުރިއެރުވުމަށް ހުރަސްއެޅޭ އެހެނިހެން މައްސަލަތައް ވެސް އައިއެފްޖޭގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.

“ނޫސްވެރިން އެދެވޭ ގޮތުގައި މަސައްކަތް ނުކުރާ ކަމަށް ބުނެ ނުވަތަ ދުވާލެއްގެ މައްޗަށް ވަކި އަދަދަކަށް ހަބަރު ނުއުފައްދާ ކަމަށް ބަލައި މީޑިއާ ކުންފުނިތަކުން ނޫސްވެރިންގެ މުސާރަ އުނިކުރުމުގެ ސިޔާސަތެއް ފުޅާ ދާއިރާއެއްގައި ގެންގުޅެމުންދާކަން އެނގުމުން އައިއެފްޖޭ އިން ނުހަނު ކަންބޮޑުވި. މި އުސޫލަކީ ނޫސްވެރިންގެ މަސައްކަތެރިކަމުގެ ހައްގުތަކަށް (ލޭބާ ރައިޓްސް) އަރައިގަތުން. މިއީ ފެންވަރު ރަނގަޅު ނޫސްވެރިކަމެއް އާލާކުރުމަށް މަގުފަހިވާނެ ކަމެއް ނޫން،” އައިއެފްޖޭ އިން ބުންޏެވެ.

“މިއާ އެކު، ވަޒީފާގެ އެއްބަސްވުމެއް ނެތުމާއި، ނޫސްވެރިން، ހާއްސަކޮށް ފްރީލާންސް ނޫސްވެރިން އެކްރެޑިޓޭޝަން ހޯދުމުގައި ހުރި ހުރަސްތައް ވެސް ފާހަގަކުރެވުނު. މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ބޭނުން ނުހަނު ބޮޑަށް އެބައޮތް. އެކަން ކުރެވޭނީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ އޮނިގަނޑު ހަރުދަނާ ކޮށްގެން.”

މީގެ އިތުރުން، ސިޔާސީ ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ‘ޝެލް މީޑިއާ ކުންފުނިތަކު’ގެ މައްސަލަ ވީހާ ވެސް އަވަހަކަށް ބަލައި އެ ތަހުގީގުގެ ހޯދުންތައް ދެ ފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ވެސް އައިއެފްޖޭ އިން ދިވެހި ސަރުކާރަށް ގޮވާލަމެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ރަޖިސްޓްރީކޮށްފައިވާ ހުރިހާ މީޑިއާތަކަކަށް ވެސް ލިބިގެންވާތީ، މި މައްސަލައިގެ ނޭދެވޭ ނަތީޖާ ވަރަށް ބޮޑެވެ. އެމްއެމްސީގެ އިންތިހާބުގެ ތާރީހު މި ހަފުތާގައި އިއުލާންކޮށްފައިވާއިރު، އައިއެފްޖޭ އާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދެކޭ ގޮތުގައި، ގަވާއިދުން މަސައްކަތް ނުކުރާ މީޑިއާތައް ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ދިނުމުން އެއްކިބާ ކުރަން ޖެހެ އެވެ. މިގޮތަށް ބަދަލު ގެނެސްފިނަމަ، ސައްހަ މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންގެ މަސްލަހަތު ތަމްސީލު ކުރެވޭނެކަން ކަށަވަރު ވެގެންދާނެ އެވެ.

އައިއެފްޖޭ އިން ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކަކީ:

  • މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ޕަބްލިކް ސާވިސް މީޑިއާއަށް ސިޔާސީ މީހުން އައްޔަންކުރުމުގެ ސަބަބުން އެ މުއައްސަސާތަކަށް ކެނޑިނޭޅި ސިޔާސީ ނުފޫޒު ފޯރުވުން؛
  • ނޫސްވެރިންގެ މުސާރައިން އުނިކުރުމުގެ އުސޫލެއް ފުޅާ ދާއިރާއެއްގައި ގެންގުޅުމުގެ ސަބަބުން މަސައްކަތްތެރިކަމުގެ ހައްގުތައް ނިގުޅައިގަތުން؛
  • މަސައްކަތުގެ މާހައުލުގެ ތެރޭގައި ކުރިމަތިވާ ކަންކަމާއި މުޖުތަމައުގެ ވިސްނުން ހުރި ގޮތުން އަންހެނުން ނޫސްވެރިކަމުގެ ދާއިރާއާ ދުރަށް ދިއުން؛
  • ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީނުގެ ފުރުސަތުތަކާއި މީޑިއާގެ ހައްގުތަކާއި ޒިންމާތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ތަމްރީނުގެ ފުރުސަތުތައް ނެތުން؛
  • ފްރީލާންސް ނޫސްވެރިންނަށް އެކްރެޑިޓޭޝަން ލިބުމުގައި ހުރި ހުރަސްތައް؛
  • ‘ޝެލް މީޑިއާ’ ކުންފުނިތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮތުމުގެ ސަބަބުން، މިފަދަ ވޯޓްތަކުގެ ސަބަބުން މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވޭ ގޮތަށް ސިޔާސީ ނުފޫޒު ފޯރުވުމާ ގުޅިގެން، މީޑިއާ ކައުންސިލްގެ ލެޖިޓިމަސީއާ މެދު ސުވާލު އުފެދުން.
  • ނޫސްވެރިންނާ ދެކޮޅަށް ކުރާ ކުށްތަކަށް އަދަބު ނުދިނުމުގެ ސަގާފަތް އަދި ދީނީ ގޮތުން ހައްދުފަހަނައެޅި ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން މީޑިއާގެ މިނިވަންކަމާއި ސިންދަފާތުކަމަށް އަސަރުކުރާކަން.
  • އެކަށީގެންވާ މުއްދަތެއްގައި މައުލޫމާތު ނުލިބުމާއި ސަރުކާރާއި ދައުލަތުގެ އެކި ޑިޕާޓްމަންޓްތަކުން މައުލޫމާތު ހޯދައި ލިބިގަތުމަށް ދިގު މުއްދަތެއް ހޭދަވުން؛
  • ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުރާޖައާ ކުރެވިފައިވާ ނޫސްވެރިންގެ ސުލޫކީ މިންގަނޑެއްގެ ބޭނުންތެރިކަން؛
  • ރަސްމީ ވަޒީފާގެ އެއްބަސްވުމެއް ނެތި ނޫސްވެރިން ވަޒީފާ އަދާކުރާ މިންވަރު އިތުރުވުން؛
  • މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭ ގޮތަށް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އިންޑަސްޓްރިއަލް ނުވަތަ ގާނޫނީ އޮނިގަނޑެއް ނެތުން.

އައިއެފްޖޭ އިން ވަނީ އެ ޖަމިއްޔާގެ އެފިލިއޭޓް، އެމްޖޭއޭއާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި ނޫސްވެރިންގެ ކަންބޮޑުވުންތައް ފާހަގަކޮށްފަ އެވެ. މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، މީޑިއާގެ މަސައްކަތްތެރިންނަށް ކުރިމަތިވާ ބިރުތައް ނައްތާލުމަށް މަސައްކަތް ނުކުރުމާއި؛ ހަމަލާދިނުމާއި މަޖުބޫރުން މީހުން ގެއްލުވާލުމާއި؛ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު އޮތުމާއި؛ އަންހެނުންނަށް ނޫސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކާއި؛ މަސައްކަތްތެރިކަމާއި ވަޒީފާގެ ހައްގުތަކާ ގުޅޭ މައްސަލަތަކާ؛ އަދި، ރާއްޖޭގެ މަސައްކަތްތެރިންނަށް ވަޒީފާގެ އޮނިގަނޑެއް ނެތުމުގެ މައްސަލަ އެވެ.

އައިއެފްޖޭ އިން ވަނީ މޯލްޑިވިއަން ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ލީޑަރުންނާ ބައްދަލުކޮށްފަ އެވެ. އައިއެފްޖޭ އިން ވަނީ މަސައްކަތްތެރިންގެ ހައްގުތަކާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ސަރުކާރަށް ލޮބީ ކުރުމަށް ކުރާ މަސައްކަތްތަކުގައި އެމްޖޭއޭއިން ވެސް ގުޅެން ނިންމުމުން އެ ކަމަށް މަރުހަބާ ކިޔާފަ އެވެ.

އައިއެފްޖޭ އިން ވަނީ ފުލުހުންނާއި މީޑިއާއާ ދެމެދު ކުރާ މުއާމަލާތްތައް ރަނގަޅު ކުރުމަށް މީޑިއާ ވޯކިން ގްރޫޕެއް ހެދުމަށް ލަފާދީފަ އެވެ. އަދި ޔޫނިއަންތަކާއި ނިންމުންތައް ނިންމާ މަގާމުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވެ އެވެ.

މީޑިއާގެ ހައްގުތައް ރައްކާތެރިކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ނޫސްވެރިކަމުގެ ހައްގުތަކާއި މީޑިއާގެ ގާނޫނާ ހިލާފު އަމަލުތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް، ނޫސްވެރިކަމުގެ ޕްރޮފެޝަނަލް މިންގަނޑުތަކަށް މި ދާއިރާ އަހުލުވެރިކުރުވުމަށް ވެސް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމެކެވެ.

އެމްޖޭއޭ އިން ބުނި ގޮތުގައި: “ރާއްޖޭގެ ހާލަތު ދެނެގަތުމަށް އައިއެފްޖޭ އިން ކުރި ދަތުރުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކުރުމުގައި ހުރިހާ ފަރާތްތަކެއް، އޭގެ ތެރޭގައި ނޫސްވެރިންނާއި މީޑިއާތަކާއި ސަރުކާރުގެ ވެސް ދައުރު އެބައޮތް. މިއީ ދިވެހި ނޫސްވެރިންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ކަށަވަރުކުރުމަށްޓަކާ ވަރަށް މުހިންމު ކަމެއް. އެމްޖޭއޭ އިން އަބަދުވެސް ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ވަރުގަދަ ކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނަން.”

އައިއެފްޖޭ އިން ބުނި ގޮތުގައި: “ރާއްޖޭގެ މީޑިއާގެ ދާއިރާގައި އަދިވެސް އޮތީ ވަރަށް ބޮޑަށް ސިޔާސީ ވެފައި. މީޑިއާގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަން ސިޔާސީ ނުފޫޒުން އެއްކިބާވެފައި ވާކަން ކަށަވަރުކުރުމަށްޓަކާ މީޑިއާގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަން ހިމާޔަތްކޮށް ދިފާއުކުރުމަށް މިހާރަށް ވުރެ ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ. އޭރުން ނޫސްވެރިންނަށް ރައްކާތެރިކަމާ އެކު، ވަޒީފާގެ ޔަގީންކަން ވެސް ލިބޭ ގޮތަށް އެ ފަރާތްތަކުގެ މަސައްކަތް ކުރެވޭނެ.”

Written By

Maldives Journalist Association Maldives Journalist Association

Maldives Journalists Association Male, Maldives Telephone: +960 778 56 69 | +960 777 10 60 | +960 777 64 60

Comments